ޕެޑަގޮޖީއަކީ ކޮބާ؟
- މަރްޔަމް ޢަލީ ދީދީ -
ޕެޑަގޮޖީއަކީ އުނގަންނައިދިނުމުގެ ހުނަރުވެރިކަމާއި އުނގަންނައިދޭނެ ގޮތުގެ
މަޢުލޫމާތު ހޯދައިދިނުމުގެ ޢިލްމުކަމުގައި ބުނެވެއެވެ. އުނގަންނައިދިނުމުގެ
މަރުޙާލާތައް އެންމެ ފުރިހަމަގޮތުގައި ކަނޑައްތު ކުރުމަށްޓަކައި މި ޢިލްމު އުނގެނި
އޭގެ ބޭނުންކުރުން ވަރަށް މުހިންމެވެ. އުނގަންނައިދިނުމަކީ ޚާއްޞަ ތަމްރީނެއް
ހޯދައިގެން ކުރެވޭކަމެއްކަމަށް ގިނަ ޢިލްމުވެރިން ހާމަކުރެއެވެ. މި ބުނާ ޚާއްޞާ
ތަމްރީން ހޯދައިދެނީ ޕެޑަގޮޖީގެ ތެރެއިންނެވެ.
ޕެޑަގޮޖީން މުދައްރިސަށް ދަސްވާ ކަންކަމުގެ ތެރޭގައި ތަފާތު އެތައް
ކުދިންނަކަށް އެއްފަހަރާ އުނގަންނައިދިނުމުގެ ހުނަރު ލިއްބައިދެއެވެ. ތަފާތު
ކުދިންގެ ބޭނުންތައް ދަނެގަތުމާއި އެ ކުދިންނަށް އަޅާލާނެ ގޮތްތަކާއި އެކުދިންނަށް
ފިލާވަޅު ފޯރުކޮށްދިނިމުގެ ހުނަރު ޕެޑަގޮޖީން ހޯދައިދެއެވެ.
ކްލާހެއްގައި
ތަފާތު ފެންވަރުގެ ކުދިންނާއި ތަފާތު ފަންތިއާ ގިންތީގެ ކުދިން ތިބޭ އިރު އެއިން
ކޮންމެ ކުއްޖެއްގެ ގޮތް ދަނެގަނެ އަޅާލުމަކީ އުނދަގޫ ކަމެއްކަން ޤަބޫލުކުރެވެއެވެ.
އެހެންނަމަވެސް މި އުނދަގޫ ފަސޭހަވާނެ ގޮތްތައް ޕެޑަގޮޖީން ދަސްކޮށްދެއެވެ އެގޮތުން ޕެޑަގޮޖީގެ ތެރެއިން ދަރިވަރުންނަށް އަޅާލައި އެހީ ފޯރުކޮށްދެވިދާނެ
ގޮތެއްކަމަށް ނޮޑިންގްސް (2005) ޙަވާލާދެއްވައި މާރކް ކޭ ސްމިތް (2012)
ހާމަކުރައްވާ ޙަރަކާތެއްގައި ބަޔާންކޮށްފައިވަނީ އެންމެ ފުރަތަމަ ކުދިންގެ
ވާހަކަތައް އަޑުއަހައިގެން އެ ކުދިންގެ އިތުބާރާއި ޔަޤީންކަން ހޯދާށެވެ. އަދި
އެކުދިންގެ ފުރިހަމަ އިތުބާރު ހޯދާށެވެ. އޭރުން ކިޔަވައިދޭން އުޅޭ އެއްޗެއް
ޤަބޫލުކޮށްގަތުމަށް އެ ކުދިންނަށްވެސް ފަސޭހަވެގެންދާނެއެވެ. ދެވަނަ ކަމަކަށް ދޭދޭ
ކުދިންގެ މެދުގައި ދެކެވޭ ވާހަކައިގައި ބައިވެރިވުމެވެ. އޭގޮތުން އެކުދިންގެ
ބޭނުންތަކާއި އެ ކުދިން ޝައުގުވެރިވާ ކަންތައްތައް ފަދަ ކަންތައްތައް އެނގި، އެ
ކްލާހަކަށް އެންމެ އެކަށީގެންވާގޮތަށް ފިލާވަޅު ރާވާލަން ފަސޭހަވާނެއެވެ.
އަނެއްކަމަކީ ދަރިވަރުންގެ މަޢުލޫމާތު ފެންވަރު ދަނެގަނެގެން އެ ފެންވަރަށް
ވިސްނައިގެން ފިލާވަޅު ރާވައި ކުރިއަށްގެންދިއުމެވެ. މިފަދަ ހުނަރުވެރިކަން
ދަސްކޮށްދޭ ޢިލްމަކަށް ޕެޑަގޮޖީ ވެފައިވަތީ މި ޢިލްމަކީ މުދައްރިސުންނަށް މުހިންމު
ޢިލްމެއްކަމުގައި ޤަބޫލުކުރެވެއެވެ.
ކިޔަވައިދޭ މުދައްރިސުންނަށް ވަރަށްވެސް ފައިދާ ހުރި މަޢުލޫމާތުކޮޅެއް.ޕެޑަގޮޖީއަކީ ކޮންއެއްޗެއްކަން ނޭނގި ކޮލާހަށް ވަދެ ކިޔަވައިދިނުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ވީމާމިޢިލްމު އެނގުން ވަރަށް މުހިންމު
ReplyDelete