Thursday, February 20, 2014

ނަޒަރިއްޔާތު


ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު/ ބިހޭވިއަރަލް ލަރނިންގް ތިއަރީއަށް ނަޒަރެއް
- މަރްޔަމް ޢަލިދީދީ -
 އުނގެނުމާއި އުނގަންނައިދިނުމުގައި ތަފާތު އެތައް ނަޒަރިއްޔާތެއްގެ ބޭނުންކުރެވެމުން ދާކަން އިލްމުވެރިންގެ ދިރާސާތަކުން ވަނީ އެނގި ފާޅުވެފައެވެ. އެގޮތުން އުނގެނުމުގައި ބޭނުންކުރެވޭ އެއް ތިއަރީ އަކީ ބިހޭވިއަރަލް ލާރނިންގް ތިއަރީ ނުވަތަ ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތެވެ. ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި އުނގެނުމަކީ އުޅުމަށް އަންނަ ބަދަލެކެވެ. މީހަކަށް އެއްޗެއް ދަސްވެއްޖެކަން ނުވަތަ މީހަކު އެއްޗެއް އުނގެނިގެންފިކަން އެނގެނީ ހަމައެކަނި އެމީހެއްގެ ޢަމަލުން އެކަން ފެނުމުންކަމަށް ބުނެ މި ނަޒަރިއްޔާތުގެ ޢިލްމުވެރިން ވަކާލާތުކުރައްވައެވެ. އެގޮތުން ބީ.އެފް. ސްކިނަރ އާ ޙަވާލާދެއްވައި ބިހޭވިއަރިސްޓް (2013) ގައި ބަޔާންކުރާގޮތުގައި އުނގެނުމަކީ އުޅުމަށް އަންނަ ނުވަތަ އުޅުމަށް ގެންނަ ބަދަލެކެވެ. މި ބަދަލަކީ މާޙައުލުން ފެންނަ ކަމަކަށް ފަރުދަކު ދޭ އިޖާބައެއްގެ ނަތީޖާކަމަށްވެސް ހާމަކުރައްވައެވެ.
 ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ހޯދުންތަކަށް ވިސްނާލާ އިރު ވަކި ސިފައެއް ނުވަތަ ވަކި ކަންތައްތަކެއް ހަރުލެއްވުމަށްޓަކައި ބޭނުންވާ ގޮތަކަށް ހާނުވައިގެން އެކަމެއް ހަރުލެއްވެއެވެ. އެގޮތުން މި ނަޒަރިއްޔާގެ ތިއަރިސްޓެއް ކަމަށްވާ އިވާން ޕަވްލޯގެ "ކްލެސިކަލް ކޮންޑިޝަނިން" އިން މިކަމަށް ހެކި ލިބެއެވެ. މިއިންވެސް މި ތިއަރީއަކީ ކޮންމެ ސިފައެއްގައި ނަމަވެސް އުޅުމަށް ބަދަލު ގެންނަ ތިއަރީއެއްކަން ޤަބޫލުކުރެވެއެވެ. ހަމައެހެންމެ އެއްޗެއް އުނގެނިއްޖެ ނަމަ އުޅުމުން އެކަން ފެންނާނެކަންވެސް މި ތިއަރީން ސާބިތުކޮށްދެއެވެ.
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތުގެ ޢިލްމުވެރިން ފާހަގަކުރައްވާ ބައެއް ފާއިދާތަކުގެ ތެރޭގައި، މި ނަޒަރިއްޔާތު، އިންސާނުންގެ އުޅުން ބަދަލުކޮށްދިނުމަށް އެހީތެރިވެދެއެވެ. މި ތިއަރީގެ ދަށުން ބަޔާންކުރާ ރީ އިންފޯސްމަންޓާއި ޕަނިޝްމަންޓުން މިކަމަށް އިތުރު ބާރެއްލިބިގެން ދެއެވެ. މިސާލަކަށް މީހެއްގެ ކިބައިގައި ހުރި ނުރަނގަޅު އާދައެއް ނައްތާލުމަށްޓަކައި އޭނައަށް އެކަމަކާ އެކަށީގެންވާފަދަ އަދަބެއް ދެވިދާނެއެވެ. އަދި ރަނގަޅު އާދައެއް އެގޮތުގައި ދެމެހެއްޓުމަށްޓަކައި ތަރުޙީބުދީ ހިތްވަރުދެވިދާނެއެވެ. މިއީ މާޙައުލުން ފެންނަ ކަންތައްތަކުން އުނގެނޭ ނަޒަރިއްޔާއެއްކަމަށް ތިއަރިސްޓުން ފާހަގަކުރާ ނަޒަރިއްޔާތަކަށްވާތީ މާޙައުލުގެ އެހެން މީހުން އުޅޭ އުޅުމުން ހިތްވަރު ލިބިގެން އެ ގޮތަށް ކަންތައްތައްކޮށް އަމިއްލަ ނަފުސަސް އިތުބާރަން ދަސްވެއެވެ.
ސުލޫކީ އުނގެނުމުގެ ނަޒަރިޔާތު، އުނގަންނައިދިނުމާ ގުޅުވާލާއިރު އޭގެ ތެރޭގައި ޢާންމުގޮތެއްގައި ހިމެނިގެން ދާ ބައިތަކެއްކަމަށް ބީ.އެފް.ސްކިނަރ އާ ޙަވާލާދެއްވައި ބިހޭވިއަރަލް ތިއަރީސް (2014) ގައި ތަފާތު ކަންތައްތަކެއް ބަޔާންކުރެއެވެ. އެގޮތުން މި ތިއަރީގެ ދަށުން އުންގަންނައިދޭ އިރު ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި މައުލޫމާތުތައް ކުދި ޔުނިޓްތަކަކަށް ބަހާލެވެއެވެ. ގަވާއިދުން ދަރިވަރުންގެ މަސައްކަތްތައް ޗެކްކޮށް ފިޑްބެކްދީ ހެދެއެވެ. އަދި ދަރިވަރަށް ތަރުޙީބުދީ ހިތްވަރުދީ ހެދެއެވެ. އުނގަންނައިދިނުމުގައި ޓީޗަރުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައި ކުރިއަށް ގެންދެވޭ ކަންތައްތަކަށް އިސްކަންދެވެއެވެ. އޭގެ ތެރޭގައި ޓީޗަރު ކިޔަވައިދިނުމާއި ޓީޗަރު އިރުޝާދުދިނުމާއި ޓީޗަރު ޙަރަކާތުންދެއްކުން ފަދަކަންތައްތައް ހިމެނެއެވެ.
އުނގެނުމުގެ ނަޒަރިއްޔާތުގެ ތެރެއިން ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތަކީ މާޙައުލުން ފެންނަކަންތައްތަކުން އުޅުމަށް ބަދަލުތަކެއް ގެންނަކަމަށް ޤަބޫލުކުރާ ނަޒަރިއްޔާއެކެވެ. ނުހުންނަ ސިފަތަކެއްވެސް ވަކި ގޮތަކަށް ހާނުވައިގެން އެ ސިފަތައް ހަރުލެއްވޭ ކަމަށްވެސް މި ނަޒަރިޔާތުގައި ބުނެއެވެ. އަދަބު ދިނުމާއި ތަރުޙިބު ދިނުމުގެ ތެރެއިން އިންސާނުންގެ އުޅުމަށް ބަދަލުގެނެވެއެވެ. އުނގަންނައި ދިނުމުގައި ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ނަޒަރިއްޔާ އަކަށްވެސް ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު ވެފައިވާކަމަށް ޤަބޫލުކުރެވެއެވެ. 

1 comment:

  1. މި ނަޒަރިއްޔާތު ކްލާސް ރޫމެއްގައި އެޕްލައި ކުރެވިދާނެ ގޮތެއް ލިޔުއްވި ނަމަ އަދި މިއަށްވުރެވެސް މި ލިޔުން ފުރިހަމަވާނެކަމަށް ބެލެވެއެވެ.

    ReplyDelete