ކޮގްނެޓިވް
ލާރނިން ތިއަރީއާއި އޭގެ މޮޑެލް ތިއަރީއަށް ނަޒަރެއް
އުނގެނުމުގެ ތިއަރީގެ ތެރެއިން ކޮގްނެޓިވް
ލާރނިން ތިއަރީއަކީ އިންސާނާގެ ވިސްނުމާގުޅިފައިވާ ތިއަރީއެއް ކަމަށް މި ތިއަރީގެ
ޢިލްމުވެރިން ހާމަކުރައްވައެވެ. ކޮގްނެޓިވް ލާނިން ތިއަރީ ބިނާވެފައި ވަނީ އިންސާ
ވިސްނާގޮތުގެ މައްޗަށް ކަމަށް ޖެނެލީ ވަރަންސް (2012) ހާމަކުރައްވައެވެ. މި
ތިއަރީގެ ޢިލްމުވެރިން ބުނާ ގޮތުގައި އުނގެނުމަކީ އިންސާނާ އަމިއްލައަށް
ކުރާކަމެކެވެ. އެއީ ލިބިފައިހުރި މަޢުލޫމާތަކަށް މަޢުލޫމާތު އިތުރުކުރުމެވެ. ލިސާ
ފްރިޝާ (2011) ހާމަކުރައްވާގޮތުގައި އުނގެނުމަކީ އުޅުމަށް ބަދަލު އައުމެއް ނޫނެވެ.
އެހެންނަމަވެސް އެއީ ކުރިން އެނގިފައިވާ މަޢުލޫމާތަށް އިތުރުކުރެވޭ އިތުރު
މަޢުލޫމާތެއްގެ ސަބަބުން އެ މަޢުލޫމާތަށް އަންނަ ބަދަލެކެވެ. މިއީ ކޮގްނެޓިވް
ލާރނިންތިއަރީ ޤަބޫލުކުރާ ގޮތްވެސް މެއެވެ.
ކޮގްނެޓިވް ލާރނިން ތިއަރީގައި އިންސާނާ
ދަސްކުރާގޮތް ބަޔާންކުރެއެވެ. މި ތިއަރީގެ މޮޑެލް އެއް ކަމަށްވާ އިންފޮމޭޝަން
ޕްރޮސެސިންގ މޮޑަލްގައި އިންސާނާ ދަސްކުރަނީ ނުވަތަ އުނގެނެނީ ކިހިނެއްކަން ވަރަށް
ރަނގަޅަށް ބަޔާންކުރާކަމުގައި ޖެނެލީ ވަރަންސް (2012) ހާމަކުރައްވައެވެ. އެގޮތުން އެންމެ
ފުރަތަމަ އިންސާނާ އޭނާގެ ހިއްސުތަކުގެ އެހީގައި ވަރަށް އާ މަޢުލޫމާތެއް
ލިބިގަނެއެވެ. މި މަޢުލޫމާތު ފޮނުވާލަނީ ވާރކިން މެމޮރީ ނުވަތަ ޝޯޓް ޓާރމް
މެމޮރީއަށެވެ. ޝޯޓް ޓާރމް މެމޮރީއަށް ދާ
މަޢުލޫމާތުތަކުގެ ތެރެއިން އިންސާނާ އެ މަޢުލޫމާތު ފުޅާދާއިރާއެއްގައި
ޕްރެކްޓިސްކުރާ މަޢުލޫމާތުތައް ލޯންގް ޓާރމް މެމޮރީއަށް ދެއެވެ. އަދި އެ
މަޢުލޫމާތުތަކާ މެދު މާ ބޮޑު އަހުމިއްޔަތު ކަމެއް ނުދޭ މަޢުލޫމާތުތައް ސިކުނޑިން
ފޮހެވިގެން ދެއެވެ. މިސާލަކަށް، ދެދުވަހެއްގެ ކުރިން ދިމާވި ރައްޓެއްސެކެވެ. އޭނާ
ލައިގެން ހުރި ހެދުމުގެ ކުލަ ހަނދާނަށް ގެންނަށް އުޅެއުޅެ އެކަމެއް ނުވިއެވެ.
އެހެންނަމަވެސް އޭނާގެ އަތުގައި އަޅާފައިވާ ކެވެލިކޮޅާއި އޭގެ ކުލަވެސް ހަމަ
ރަނގަޅަށް ހަނދާން ހުއްޓެވެ. ސަބަބަކީ އެވަގުތު އެ ކެވެލިކޮޅާ ބެހޭގޮތުން ވާހަކަ
ދެކެވުނީއެވެ. އޭގެ ރީތިކަމަށް ތަޢުރީފުވެސް ކުރެވުނީއެވެ. އޭގެ ކެވެލިކޮޅެއް
ބޭނުންވީއެވެ. އެހެންކަމުން އެ މަޢުލޫމާތު ލޯންގް ޓާރމް މެމޮރީގައި
ރައްކާކުރެވުނީއެވެ. އަދި ކިތައްމެ ދުވަހެއް ވިއަސް ބޭނުންވެއްޖެ ހިނދެއްގައި
ނުވަތަ އެހެން ކެވެލިކޮޅެއް ފެންނަ ހިނދެއްގައި އެއްކަލަ ކެވެލޮކޮޅުގެ މަތިން
ހަނދާން ވާނެއެވެ. ހަމައެހެންމެ އެކުވެރިޔާ ފެނުނު ހިނދު އޭނާ ލައިގެން ހުރި
ހެދުމުގެ ކުލަ ފެނުނުކަމުގައި ވިއަސް އެއާމެދު ސަމާލުކަން ނުދެވުމުން އެކަން
ފޮހެވިގެން ދިޔައީއެވެ. އިންފޮމޭޝަން ޕްރޮސެސިން މޮޑަލް މަސައްކަތްކުރަނީ މިފަދަ
ގޮތަކަށްކަމަށް ޤަބޫލުކުރެވެއެވެ.
އިންފޮމޭޝަން ޕްރޮސެސިން މޮޑަލް ގައި
ބަޔާންކުރާ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރާ މަޢުލޫމާތު ތިން ބަޔަކަށް
ބަހާލެވޭކަމަށް ލިސާ ފްރިޝާ (2011) ހާމަކުރައްވައެވެ. އެއީ ޑިކްލަރޭޓިވް މަޢުލޫމާތާއި
ޕްރޮސީޖަރަލް މަޢުލޫމާތާއި އެޕިސޯޑިކް
މަޢުލޫމާތެވެ.
ޑިކްލަރޭޓިވް މަޢުލޫމާތަކީ ވަކި ގޮތަކަށް ޕްރޮގްރާމްކުރެވި،
ކަނޑައެޅި ނިމިފައިވާ ކަންތައްތަކުގެ މަޢުލޫމާތެވެ. މިސާލަކަށް ދިވެހިރާއްޖޭގެ ވެރިރަށާއި
، އަތޮޅުތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކާ ބެހޭ މަޢުލޫމާތެވެ.
ޕްރޮސީޖަރަލް މަޢުލޫމާތަކީ ތަރުތީބުން ކަންތައްކުރާނެ ގޮތުގެ މަޢުލޫމާތުކަމަށް
ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ގިނަ ފަހަރަށް ކަންތައްތަކެއް ކޮށްގެން މި
މަޢުލޫމާތު ލޯންގް ޓާރމް މެމޮރީގައި ރައްކާކުރެއެވެ. މިސާލަކަށް ބައިސްކަލު ދުއްވަން އެނގުމާއި ފްރައިޑް ރައިސް ކައްކަން އެނގުން ފަދަ ކަންތައްތަކެވެ. އެޕިސޯޑިކް
މަޢުލޫމާތަކީ ތިމާގެ ޙަޔާތުގައި ތިމާއަށް ދިމާވެފައިވާ ހާދިސާ ތަކާއި ކަންކަމުގެ
މަޢުލޫމާތެވެ. މި ފަދަ މަޢުލޫމާތު ސިކުނޑިއަށް ނަގައިގަނެވިފައި ހުންނާނީ
"ކޯއްޗެއް؟" "ކޮންއިރަކު؟" "ކޮންތާކު؟" މި
ސުވާލުތަކަށް ޖަވާބުލިބޭ ފަދަ ގޮތަކަށްކަމަށް ކްލޭޓަން އާއި ޑިކިންސަން (1998) އާ
ޙަވާލާދެއްވައި އެޕިސޯޑިކް މެމޮރީ (2014) ގައި ބަޔާންކޮށްފައިވެއެވެ. މިފަދަ މަޢުލޫމާތަކީ
އެއްކަމެއް ތަޖުރިބާކުރި ކަމުގައި ވިއަސް އެކި މީހުންގެ ލޯންގް ޓާރމް މެމޮރީގައި
އެކިގޮތަށް ރައްކާކުރެވޭ މަޢުލޫމާތުތަކެއްކަމަށް ކިމް އޭން (2014)
ހާމަކުރައްވައެވެ. މިސާލަކަށް ސުނާމީ ކާރިސާއާ ގުޅިގެން އެކި މީހުންނަށް ކުރެވުނު
ތަޖުރިބާ ތަފާތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކަން ފެނުނުގޮތްވެސް ތަފާތެވެ. ނަމަވެސް އެއީ އެއް ހާދިސާއެކެވެ.
ރިފަރެންސް ލިސްޓް
ޖެނެލީ
ވަރަންސް. (2012). ދަ ކޮގްނެޓިވް ލާރނިން ތިއަރީ. ނެގީ މާރޗް 10، 2014 http://jwar.edublogs.org/ ން
ކެންޑްރާ
ޗެރީ. (2014). ޕްރޮސީޖަރަލް މެމޮރީ. ނެގީ މާރޗް 10، 2014 http://psychology.about.com/
ން
އެޕިސޯޑިކް
މެމޮރީ. (2014). އެޕިސޯޑިކް މެމޮރީ. ނެގީ މާރޗް 11، 2014 http://eecs.vanderbilt.edu/ ން
ކިމް
އޭން. (2014). އެޕިސޯޑިކް މެމޮރީ އެންޑް އެގްޒާމްޕަލް. ނެގީ މާރޗް 12، 2014
http://www.livescience.com/ ން
No comments:
Post a Comment