މޯޓިވޭޝަން
ތިއަރީތައް
މޯޓިވޭޝަނަކީ
ކަމެއްކުރުމަށް ނުވަތަ ކަމެއް ޙާޞިލުކުރުމަށް ހިތުގެ އަޑިން ބޭނުންވާ
ބޭނުންވުމެކެވެ. ހަމައެހެންމެ އެއީ ވަކި އަމާޒަކަށް ވާޞިލުވުމަށްޓަކައި ލަނޑުދަނޑި
ކަނޑައަޅައިގެން އެ މިސްރާބަށް ދިއުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމުގެ
ބާރެއްކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ ޗެރީ (2014) އިތުރަށް
ހާމަކުރައްވާގޮތުގައި މޮޓިވޭޝަނަކީ ކަމެއްކުރުމަށް ބޭނުންވާ ސަބަބެވެ. މިސާލަށް
ވަރަށް ބަނޑުހައިވެފައިވާ މީހެކެވެ. އޭނާގެ އެ ހައިހޫނުކަން ފިލުވައިލުމަށްޓަކައި
ކާނެ އެއްޗެއް ހޯދަން އޭނާ ބޭނުންވާ ބޭނުންވުމަކީ މޯޓިވޭޝަނެވެ.
މޯޓިވޭޝަން ތިއަރީގެ ޢިލްމުވެރިން
މޯޓިވޭޝަނުގެ ދެ ގޮތެއް ބަޔާންކުރެއެވެ. އެއީ އިންޓްރިންސިކް މޯޓިވޭޝަނާއި
އެކްސްޓްރިންސިކް މޯޓިވެޝަނެވެ. އިންޓްރިންސިކް މޯޓިވޭޝަނަކީ ތިމާ އަމިއްލައަށް
ކަމަކަށް ބޭނުންވެ އެކަމެއް ކުރުމެވެ. ބްރައުން (2007) އާ ޙަވާލާދެއްވައި ކެންޑްރާ
ޗެރީ (2014) ހާމަކުރައްވާގޮތުގައި އިންޓްރިންސިކް މޯޓިވޭޝަނަކީ ތިމާ އަމިއްލަ
ނަފުސަށް ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ތިމާ ކަމެއް ކުރުމަށް ނުވަތަ
ކާމިޔާބުކުރުމަށް މަސައްކަތްކުރުމެވެ. ފަހަރެއްގައިވެސް އެއީ އެހެންމީހެއްގެ
ފަރާތުން އެއްޗަކަށް، ކަމަކަށް ބޭނުންވެގެން އުޅުމެއްނޫނެވެ. މިސާލަކަށް ތިމާ
ރަނގަޅު ގްރޭޑެއް ލިބުން އެދޭތީ އާއި އޭގެ ސަބަބުން ތިމާއަށް އުފަލާއި
ހިތްހަމަޖެހުން ލިބޭނެތީ ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް އުފެދޭ
ޝައުޤުވެރިކަމެވެ.
އެކްސްޓްރިންސިކް މޯޓިވޭޝަނަކީ އެހެންމީހެއްގެ
ފަރާތުން އިނާމެއް ހޯދުމަށް ބޭނުންވެގެން ނުވަތަ އިނާމެއް ލިބޭނެތީ ކަމެއްކުރުމަށް
އުފެދޭ ޝައުޤުވެރިވުންކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ
ޗެރީ (2014) އިތުރަށް ހާމަކުރައްވާގޮތުގައި މީހެއްގެ ފަރާތުން ލިބިދާނެ އަދަބަކުން
ސަލާމަތްވުމުގެ ބޭނުމުގައި ކަމެއް ކުރުމަށް ޝައުޤުވެރިވުމަކީ ވެސް
އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. މިސާލަކަށް ކިޔަވާ ހުރިހާ މާއްދާއަކުން އޭ ގްރޭޑް
ހޯދައިފި ނަމަ ސްކޮލަޝިޕެއް ލިބޭތީ މާއްދާތަކުން އޭ ހޯދުމަށްޓަކައި
މަސައްކަތްކުރުމަށް އުފެދޭ ޝައުޤުވެރިކަމެވެ. ހަމައެހެންމެ ފިލާވަޅު ނަހަދައިފި
ނަމަ ކްލާހުގައި ކޮޅަށް ބަހައްޓާނެތީ ފިލާވަޅުހެދުމަށް ހުންނަ ޝައުޤުވެރިކަމެވެ.
މޯޓިވޭޝަން ތިއަރީގައި ފާހަގަކޮށްލެވޭ
ހަތަރު ތިއަރީއެއް ވެއެވެ. އެއީ ބިހޭވިއަރަލް ތިއަރީ އޮފް މޯޓިވޭޝަނާއި ކޮނިޓިވް
ތިއަރީ އޮފް މޯޓިވޭޝަނާއި ސޯޝަލް ކޮގްނިޓިވް ތިއަރީ އޮފް މޯޓިވޭޝަނާއި
ހިޔުމަނިސްޓިކް ތިއަރީ އޮފް މޯޓިވޭޝަނެވެ.
1- ބިހޭވިއަރަލް ތިއަރީ އޮފް މޯޓިވޭޝަން
ބިހޭވިއަރިޒަމް ޤަބޫލުކުރާގޮތުގައި ކަމަކަށް
ޝައުޤު އުފެދެނީ ތަރުހީބުދިނުމުންނެވެ. ތަރުހީބުދިނުމުގެ ގޮތުން ދަރިވަރުންނަށް
އެކިކަހަލަ އިނާމުތައް ދީގެން ޝައުޤު އުފެއްދޭކަމަށް މި ތިޔަރީގައި
ބަޔާންކުރެއެވެ. އެނިކް އެމް (2014) ހާމަކުރައްވާގޮތުގައި މިއީ އެކްސްޓްރިންސިކް
މޯޓިވޭޝަނެކެވެ. ބައެއްގެ ފަރާތުން ލިބޭ ރިވަރޑަކަށް ދަރިވަރުން އެމީހުންގެ އުޅުމަށް
ބަދަލުގެނައުމެކެވެ. އެނިކް އެމް (2014) އިތުރަށް ހާމަކުރައްވާގޮތުގައި ދަރިވަރުން
ޝައުޤުވެރިކުރުމަށްޓަކައި ދެވޭ ރިވަރޑް ވާންވާނީ ދަރިވަރުގެ މަސައްކަތާ
އެކަށީގެންވާ އެއްޗަކަށެވެ. ދަރިވަރުން ކުރަން ފަސްޖެހޭ ކަންތައްތަކެއް އެ
ކުދިންލައްވާ ކުރުވުމަށް މި ފަދަ ރިވަރޑެއްގެ ބޭނުންކުރެވިދާނެއެވެ.
2- ކޮގްނިޓިވް ތިއަރީ
އޮފް މޯޓިވޭޝަން
ކޮގްނިޓިވް ތިއަރީ ބުނާގޮތުގައި އިންސާނާގެ
ޝައުގުވެރިކަން ގުޅިފައިވަނީ އެ މީހުން ކަންކަމާމެދު ޤަބޫލުކުރާ ގޮތްތަކާއި ޙާޞިލުކުރަން
ބޭނުންވާ ކަންތައްތަކާއި އެ ބައި މީހުންގެ ވިސްނުމާއެވެ. އެނިކް އެމް (2014)
ހާމަކުރައްވާގޮތުގައި މިއީ އިންޓްރިންސިކް މޯޓިވޭޝަނެކެވެ. މީހެއްގެ ފަރާތުން
ލިބިދާނެ ހަދިޔާއަކަށް ބެލުމެއްނެތި މަސައްކަތްކުރެއެވެ. މިތިއަރީގައި ބުނާގޮތުން
ކުއްޖާ އޭނާގެ ވިސްނުމުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އުނިވާބައި ފާހަގަކޮށް
އެ ފުރާލަން މަސައްކަތްކުރެއެވެ.
3- ސޯޝަލް ކޮގްނިޓިވް
ތިއަރީ އޮފް މޯޓިވޭޝަން
ސޯޝަލް ކޮގްނިޓިވް ތިއަރީ
ޤަބޫލުކުރާގޮތުގައި ދަރިވަރުން ، މުޖުތަމަޢުގެ އެހެން ފަރުދުން ކުރާ
ކަންތައްތަކަށް ބަލައިގެން އެ ކަންތައްތައް ނަކަލުކުރުމަށް ޝައުޤުވެރިވެއެވެ.
ހަމައެހެންމެ މީހަކު ކުރި ކަމަކުން އެ މީހާއަށް ދިމާވި ދަތިތަކަކުން އަނެކާ
ޢިބްރަތް ޙާޞިލުކޮށް ދަސްކުރެއެވެ. ހަމައެހެންމެ މީހަކު ކުރި ކަމަކުން އެމީހަކަށް
މޮޅެއް ލިބުމުން އެކަން އެ ގޮތަށް ތަކުރާރުކުރަން އަނެއްމީހާ ޝައުވެރިވެއެވެ.
4- ހިޔުމަނިސްޓިކް
ތިއަރީއޮފް މޯޓިވޭޝަން
ހިޔުމަނިސްޓިކް
ތިއަރީގައި ޝައުޤުވެރިކަން ގުޅިފައިވަނީ އިންސާނުންގެ ބޭނުންތަކާއެވެ. އެއް ކަމެއް
ޙާޞިލުވުމަށްފަހު އަނެއްކަމެއް ހާޞިލިކުރުމަށް ޝައުޤު އުފެދެއެވެ. މި ތިއަރީ
އުނގެނުމާ ގުޅިގެންދާ އިރު އެންމެ ދަތިވާ ކަމެއްކަމަށް އެނިކް އެމް (2014)
ހާމަކޮށްވައިވަނީ ދަރިވަރުންގެ ބޭނުންތައް މުދައްރިސަށް ނޭނގުމެވެ. އަދި އެނގުނު
ކަމުގައި ވިއަސް އެ ހުރިހާ ބޭނުންތަކެއް ފުރިހަމަނުކޮށްދެވުމެވެ. އެހެން ނަމަވެސް
ދަރިވަރުން އުނގެނޭ މާޙައުލަކީ އެ ކުދިންނަށް ރައްކާތެރި ތަނަކަށް ހަދާ އެ
ކުދިންގެ ނަފުސުގެ އިތުބާރު ހަރުދަނާކުރަން މުދައްރިސް ކުރާ މަސައްކަތުން
ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށްދެވެއެވެ.
ރިފަރެންސް ލިސްޓް
ކެންޑްރާ ޗެރީ (2014). ތިއަރީސް އޮފް މޯޓިވޭޝަން.
ނެގީ އެޕްރީލް 19، 2014
http://psychology.about.com/theories-of-motivation.htm ން
ކެންޑްރާ ޗެރީ (2014). އިންޓްރިންސިކް މޯޓިވޭޝަން. ނެގީ
އެޕްރީލް 19، 2014،
އެނިކް އެމް (2014). އެންހޭންސިން ސުޓުޑެންޓްސް
މޯޓިވޭޝަން. ނެގީ އެޕްރީލް 19، 2014،
No comments:
Post a Comment