ކިޔަވައިދިނުމުގައި
ބޭނުންކުރާނެ އަމިއްލަ ފަލްސަފާ
ތަޢާރަފް:
އުނގަންނައިދިނުމުގެ ފުރިހަމަ ހިތްހަމަޖެހުން
ލިބިގަނެވޭނީ އެންމެ ފުރިހަމަގޮތެއްގައި ދަރިވަރުންނަށް އެ އެއްޗެއް ފޯރުކޮށްދެވުމުންނެވެ.
މި ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ދަރިވަރުންނަށް ފަސޭހައިން ރަނގަޅަށް
އުނގަންނައިދެވޭނެ ގޮތްތަކާއި، ފަސޭހަކާމާއެކީ ދަރިވަރުން އުނގެނިގަންނަ ގޮތް ހޯދާ
ދިރާސާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދެއެވެ. މި ދިރާސާތަކުގެ
ނަތިޖާއެއްގެ ގޮތުން "ލަރނިން ތިއަރީސް" ގެ ނަމުގައި ގިނަގުނަ
ތިއަރީތަކެއް ވުޖޫދުވެގެން އައެވެ. އޭގެ ތެރެއިން އެންމެ ނަންހިގާ ތިއަރީތަކުގެ
ގޮތުގައި "ބިހޭވިއަރަލް"،
"ކޮގްނެޓިވް"،
"ސޯޝަލް" އަދި "ކޮންސްޓްރަކްޓިވިޒަމް" ލަރނިން ތިއަރީ
ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ތިއަރީއަކީވެސް އެ ތިއަރިތަކުގައި ވަރަށް ގިނަ
ރަނގަޅުކަންތައްތަކާއި، ބަލައިގަންނަށް ދަތިވާ ބައެއް ކަންތައްތައްވެސް ހުރި
ތިއަރީތަކެކެވެ. އެހެންނަމަވެސް މިއީ މީގެ ބޭނުން ނުކޮށް ދޫކޮށްލަންޖެހޭ ސަބަބެއް
ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ތިއަރިތަކުން ފާހަގަކުރެވޭ މޮޅު ގޮތްތަކަށް
އަމިއްލަ ވިސްނުމުން އިތުރު ރަނގަޅު ކަންތައްތަކެއް އިތުރުކޮށް އަމިއްލަ ފަލްސަފާއެއް
ގާއިމުކުރެވިދާނެއެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާނީ އުނގެނުމުގެ ތިއަރިތަކުން
ފާހަގަކުރެވުނު ރަނގަޅުކަންތައްތަކާއި އުނި ކަންތައްތަކަށް ވިސްނުމަށްފަހު
އުނގަންނައިދިނުމުގައި ބޭނުންކުރާނެ އަމިއްލަ ފަލްސަފާއެކެވެ.
ފަލްސަފާގައި ހިމަނާ ބައިތަކާއި ވިސްނާފައިވާގޮތް
1- ކޮންސްޓްރަކްޓިވިޒަމް ލަރނިން ތިއަރީގެތެރެއިން:-
ސިކުނޑީގައި ހުރި އެއްޗަކަށް އެއްޗެއް އިތުތުކުރުން
އުނގަންނައިދިނުމުގައި ވިސްނުންބަހައްޓަންޖެހޭ
އެއްކަމަކީ އުނގެނޭ ފަރާތަކީ ހުސް ސިކުނޑިއެއްގެ ވެރިއެއް ނޫންކަމެވެ. އޭގެ
ބަދަލުގައި ދެ ފަރާތުންވެސް މަޢުލޫމާތު ބަދަލުކުރެވި އެ ސިކުނޑީގައި ހުރި
އެއްޗަކާމެދު ވިސްނާ އެއަށް މަޢުލޫމާތެއް އިތުރުކޮށްދިނުމުގެ ވިސްނުންގެންގުޅުމަކީ
މި ފަލްސަފާގެ ޤަބޫލުކުރުމެކެވެ. އުނގެނޭ ފަރާތް ނުވަތަ ދަރިވަރުގެ މަސައްކަތަކަށް
ވާންވާނީ ހުރި މަޢުލޫމާތަށް އާ މަޢުލޫމާތު އެއްކޮށް އެއަށް ބިނާކޮށް، އާ ކަންތައްތަކެއް އުފެއްދުމެވެ. މި ގޮތަށް ދަރިވަރުގެ
މަސައްކަތް ކުރިއަށް ގެންދާނެގޮތަކަށް ދަރިވަރުންނަށް މަގުދެއްކުމަކީވެސް މި
ފަލްސަފާގެ ޤަބޫލުކުރުމެކެވެ. ޑޭން ޑިޕަރނަރ (2010) ހާމަކުރައްވާގޮތުގައި
ލިބިފައިހުރި މަޢުލޫމާތަކަށް އާ މަޢުލޫމާތެއް އެއްކޮށްގެން ދަރިވަރު އުނގެނޭ
އުގެނުމަކީ ލެވް ވައިގޮޓްސްކީ އާއި ޖީން ޕިއަޖޭގެ ހިއްސާ އެކުލެވޭ
ކޮންސްޓްރަކްޓިވިޒަމް ލަރނިން ތިއަރީގައި ބަޔާންކުރާގޮތެވެ. މިއީ ދަރިވަރުންނަށް،
ފަސޭހައިން އުނގަންނައިދެވިދާނެ ގޮތަކަށް ވެފައި ޤައުމީ މަންހަޖުގައި ވާ
ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ހުޅުވާލެވޭ ފުރުޞަތަކަށް ވާނެއެވެ.
ހަމައެހެންމެ ދަރިވަރުންގެ ކިބަގައި މަޢުލޫމާތު ހުރިކަމަށް މުދައްރިސް
ޤަބޫލުކުރުމަކީ ދަރިވަރުންނަށް ހިތްވަރުލިބި، ފިލާވަޅުގައި ބައިވެރިވެ އުނގެނެން
ފުރުޞަތު ލިއްބައިދޭ ކަމަކަށް ވާތީ މި ފަލްސަފާގެ ބޭނުންކުރެވިދާނެ ކަމަށް
ޤަބޫލުކުރެވެއެވެ.
2- ބިހޭވިއަރަލް ލާރނިންގެ ތިއަރީގެ ތެރެއިން:- ރީއިންފޯސްމަންޓް
އަމިއްލަ ފަލްސަފާގައި ހިމަނާނެ އަނެއްބަޔަކީ
ރީއިންފޯސްމަންޓެވެ. މިއީ އުނގެނުން ފަހި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ
ރަނގަޅު ފިޔަވަޅެކެވެ. ސަބަބަކަށްވަނީ، ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ
އެއަށް ތަރުހީބު ލިބުމުގެ އެދުމަކީ އިންސާނާގެ ޠަބީއަތުގައި ލައްވާފައިވާކަމެކެވެ.
އިންސާނުންގެ ޚާއްޞަކޮށް މުސްލިމުންގެ ޤަބޫލުކުރުންތައްވެސް މިއާ ގުޅިފައިވާ
ކަމެކެވެ. މި ދުނިޔޭގައި ރަނގަޅުގޮތުގައި އުޅޭ މީހުންނަށް ސުވަރުގޭގެ ދާއިމީ
ނިއުމަށް ވާ ކަމަށް އެންމެހާ މުސްލިމުން ޤަބޫލުކުރެއެވެ. އެހެންކަމުން އެ ނިޢުމަތް
ހޯދުމަށްޓަކައި މި ދުނިޔޭގައި މަސައްކަތްކުރެއެވެ. ހަމައެހެންމެ ގޯސްކޮށް އުޅޭ
މީހުންނަށް ނަރަކަވާކަން ޤަބޫލުކޮށް އެތަނުން ސަލާމަތްވުމަށް މިދުނިޔޭގައި
މަސައްކަތްކުރެއެވެ. އެހެންކަމުން އުނގަންނައިދޭން ބޭނުންވާ ކަމެއް، ޚާއްޞަކޮށް
ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ހުނަރުތަކާއި ސިފަތައް،
ދަރިވަރުންނަށް ދެވޭ ޕޮޒިޓިވް ރީއިންފޯސްމަންޓާއި ނެގެޓިވް ރީއިންފޯސްމަންޓުން
ފަސޭހައި ހަރުލެއްވޭކަމަށް ޤަބޫލުކުރެވެއެވެ. ބީ. އެފް ސްކިނަރގެ ބިހޭވިއަރަލް
ތިއަރީގައި ބަޔާންކުރާގޮތްކަމަށް ބިހޭވިއަރިސްޓް (2013) ހާމަކުރައްވަނީ، މި
ތިއަރީން އިންސާނާގެ އުޅުމަށް ހެޔޮ ބަދަލު ގެނެވެއެވެ. އަދި މި ބަދަލުގެނައުމުގެ
ރޯލެއް އަދާކުރަނީ ރީއިންފޯސްމަންޓެވެ.
ރީއިންފޯސްމަންޓުން
ދަރިވަރުންނަށް ދާއިމީ އަސަރެއްކުރާނީ ތަފާތުގޮތްތައް ގެންގުޅުމުންނެވެ.
މިސާލަކަށް މުދައްރިސް ބުނާގޮތަކަށް ގަޑިއަށް މުޅި ކަލާސްއެކީ ދެ ހަފްތާ ވަންދެން،
މަސައްކަތްތައް ނިންމައިފިނަމަ ކޮންމެ ދަރިވަރަކަށް ސްޓަރ އެއް ދޭނެކަމަށް
ބުނުމަކީ މާ ކާމިޔާބު ތަރުޙީބަކަށް ނުވެދާނެއެވެ. ސަބަބަކީ އެއީ ކޮންމެ
ދުވަހަކުވެސް ބައެއް ދަރިވަރުންނަށް ލިބޭ އެއްޗަކަށްވެސް ވެދާނެއެވެ. އެހެންކަމުން
މި ފަދަކަމެއްގައި މުޅި ކްލާސް އެކީ ދަތުރަކު ގެންދިއުން ފަދަ ކަމެއް
ބުނެވިދާނެއެވެ. މި ފަދަކަމަކަށް ބުނާއިރު މިކަމަކީ ކައިރި މުސްތަގުބަލެއްގައި
ވާނެ ކަމަކަށް ވުމީ ވަރަށް މުހިންމުކަމެކެވެ. ދަރިވަރުން އަބަދުވެސް ބޭނުންވާނީ
ކުރުމުއްދަތެއްގައި އަވަހަށް ނަތީޖާ ފެންނަ ކަންކަންކަމަށް ބިހޭވިއަރިސްޓް (2013)
ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ބުނާކަމަކަށް ވަގުތު ކަނޑައެޅުމަކީ
މުހިންމުކަމެކެވެ. މިގޮތުން އަމިއްލަ ފަލްސަފާގައި ހިމަނާފައިވާ
ރީއިންފޯސްމަންޓްގެ ބައި ގެންދާނީ ދަރިވަރުން އުނގެނުމަށް ފަހިވާގޮތަށް
ވިސްނައިގެންނެވެ.
3- ކޮގްނިޓިވް ލާރނިންގެ ތިއަރީގެ ތެރެއިން:- ގިނަ
ހިއްސު ބޭނުންކޮށްގެން އުނގެނުން
ގިނަ ހިއްސުތައް
ބޭނުންކޮށްގެން ދަސްކުރުމަކީ ފަސޭހައިން ދަސްވެފައި ހަނދާނުގައި އެ
ހަރުލާނެކަމެއްކަމަށް އެރޯން (2006) ހާމަކުރައްވައެވެ. އިތުރަށް
ހާމަކުރައްވާގޮތުގައި އެއްޗެއް ހުންނަގޮތް ހަމައެކަނި ދަރިވަރުންނަށް ކިޔައިދީގެން
ދަސްކޮށްދިނުމަށްވުރެ އެ އެއްޗެއް ދައިކައިގެން އެ ކިޔައިދިނުމުން ދަރިވަރުންނަށް
ދަސްވުން އަވަސްވެފައި ހަނދާނުގައި ހަރުލައްވަން ފަސޭހަވާނެއެވެ. ހަމަ އެކަނި ދަރިވަރުން އަޑު އަހަން ބޭތިއްބުމުގެ
ބަދަލުގައި ފެނުމާއި އަތްލުމާއެކު އަމިއްލައަށް ކަންތައްތައް ތަޖުރިބާކުރުމުގެ
ފުރުޞަތު އަމިއްލަ ފަލްސަފާގެ މި ބައިގެ ދަށުން ގެންދެވޭނެއެވެ. އެއީ ފަސޭހައިން
ދަރިވަރުންގެ ސިނކުޑީގައި ކަންކަން ހަރުލެއްވުމަށްޓަކައެވެ. ޖީން އެލިސް އޯމްރޮޑް
(1995) ހާމަކުރައްވާގޮތުގައި ކޮގްނެޓިވް ތިއަރީ ބިނާވެފައިވަނީ މީހުންގެ
ވިސްނުމަށެވެ. މި ވިސްނުން ތަރައްގީކުރުމަށްޓަކައި މިހާ އެކީގައި ބައިވެރިވުމަކީ
މުހިންމުކަމެކެވެ. ދަރިވަރުންގެ ވިސްނުން ރަނގަޅުކޮށް ރަނގަޅަށް ދަސްވުމަށް
މަގުފަހިކޮށްދޭ ވަރަށް ގިނަ ކަންތައްތަކެއް ވާކަމަށް ލަރނިންގް ތިއަރީސް (2013)
ބަޔާންކުރެއެވެ. އޭގެ ތެރޭގައި ސުވާލަށް ޖަވާބުދިނުމާއި މައިންޑް މެޕް
ތައްޔާރުކުރުމާއި ފީލްޑް ޓްރިޕް ދިއުން ފަދަ ކަންކަން ހިމެނެއެވެ. މިއިން ކޮންމެ
ކަމަކީވެސް ދަރިވަރުގެ އެއް ހިއްސަށްވުރެ ގިނަ ހިއްސު އެ ކަމެއްގައި ޝާމިލުކުރާނެ
ކަންކަމެވެ. އެހެންކަމުން ދަރިވަރުންގެ
ވިސްނުން ވީހާވެސް ބޮޑަށް ތަރައްޤީކޮށް އުނގެނުމަށް ފަހިކުރުމަށްޓަކައި ގިނަ ހިއްސު ބޭނުންކުރުން އަމިއްލަފަލްސަފާގައި
ހިމަނާފައިވާނެއެވެ.
ނިންމުން
އުނގެނުމުގެ
ތިއަރީތަކަކީ ގިނަ އެއްޗެކެވެ. އަދިވެސް އިތުރުވަމުންދާ އެއްޗެކެވެ. ގިނަގުނަ
ތިޔަރީތަކެއް ހުރިކަމުގައި ވިއަސް އެތިޔަރީތަކުން ތިމާގެ ކިޔަވައިނުމަށް އެންމެ
މުހިންމީ ކޮންކަންތައްތަކެއްތޯ ބަލައި އެ ކަންތައް ކްލާސް ތެރޭގައި
ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. އެގޮތުން އެފަދަ ކަމަކަށް
ލޯ ހުޅުވުނު މަސައްކަތެއް ކަމުގައި މި މަސައްކަތް ވެއްޖެއެވެ. ތަފާތު
ނަޒަރިއްޔާތަކަށް ވިސްނުންހިންގައި އޭގެ ހުރި ފުރިހަމަކަމާއި އުނިކަންތައްތަކުގެ
ތެރެއަށް މި މަސައްކަތުން ވަދެވުނެވެ. އަމިއްލަ ފަލްސަފާއަކާމެދު ވިސްނިއްޖެއެވެ.
No comments:
Post a Comment