Thursday, May 29, 2014

ނަޒަރިއްޔާތު

 
 
ކޮންސްޓްރަކްޓިވިސްޓް ޕާސްޕެކްޓިވްސް
އުނގެނުމުގެ ނަޒަރިއްޔާތުތަކުގެ ތެރެއިން ކޮންސްޓްރަކްޓިވިޒަމް ގައި ބަޔާންކުރަނީ އިންސާނާ މަޢުލޫމާތު ހޯދާ އުނގެނޭ ގޮތެވެ. އެހެންކަމުން މި ތިއަރީ ސީދާ އުނގެނުމާ ގުޅުވާލެވޭކަމަށް ކޮންސްޓްރަކްޓިވިޒަމް (2014) ބަޔާންކުރެއެވެ. ކޮންސްޓްރަކްޓިވިޒަމް (2014) ބަޔާންކުރާގޮތުގައި މީހުން މަޢުލޫމާތު ލިބިގަނެ އެ މާނަހުރި އެއްޗަކަށް ހަދާ އާމަޢުލޫމާތު އުފައްދަނީ ކުރެވިފައިވާ ތަޖުރިބާތަކާ ގުޅުވައިގެންނެވެ. ކޮންސްޓްރަކްޓިވިޒަމް ތިއަރީގެ އަލީގައި އުނގެނުން ގެންދިއުމަށްޓަކައި މުދައްރިސުން ފިލާވަޅު ތައްޔާރުކުރާއިރު ދަރިވަރުން ކުރަންޖެހޭ ކަންތައް ގިނަކޮށް ފިލާވަޅު ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޖޯޖް. ޑަބުލިއު (2014) ހާމަކުރައްވައެވެ. ހަމައެހެންމެ ކޮންސްޓްރަކްޓިވް ޕާސްޕެކްޓިވް ގައި މުދައްރިސުގެ ރޯލަކީ ދަރިވަރުންނަށް މަގުދެއްކުމެވެ. ދަރިވަރުން މަސައްކަތްކުރާ ގޮތްތައް ބަލައި އެއަށް ބިނާކުރަނިވި ފާޑުކިޔާ އެހީތެރިވުމެވެ.
      ކޮންސްޓްރަކްޓިވިޒަމް ތިއަރީ ޤަބޫލުކުރާގޮތުގައި ދަރިވަރުން މަޢުލޫމާތު އުފައްދަނީ އުޅޭ މާހައުލާއި މާޙައުލުގެ ގުޅުންތަކުންނެވެ. ދަރިވަރުން މަޢުލޫމާތު އުފައްދާ، ލިބިފައިވާ މަޢުލޫމާތުގެ ތެރެއަށް މަޢުލޫމާތު އިތުރުކުރާ ގޮތްތަކެއް ވާކަމަށް ޖޯޖް. ޑަބުލިއު (2014) ހާމަކުރައްވައެވެ. ޖޯޖް. ޑަބުލިއު (2014) ހާމަކުރައްވާގޮތުގައި ދަރިވަރުން ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެގެންނާއި އަމިއްލައަށް އެ ކަމެއް ހުށަހަޅައިގެން މަޢުލޫމާތު އުފައްދައެވެ. ހަމައެހެންމެ އަމިއްލަ ޚިޔާލާ ޝުޢޫރު ފާޅުކޮށްގެންނާއި ކަމަކާ މެދު ތިމާއަށް އެހާ ޔަޤީން ނޫން ކަންތައް ހުށަހައިޅައިގެން މަޢުލޫމާތު އިތުރުކޮށް މަޢުލޫމާތު އުފައްދައެވެ.
      ދަރިވަރުންނަށް ދަރިވަރުންގެ މަޢުލޫމާތު ބިނާކުރަން ފުރުޞަތުދިނުމުގެ ގޮތުން އުނގަންނައިދިނުމުގައި ތަފާތު ގޮތްތައް ބޭނުންކުރަންޖެހޭކަމަށް މި ތިއަރީގެ ޢިލްމުވެރިން ހާމަކުރެއެވެ. އެގޮތުން އުނގަންނައިދިނުމުގައި އުނގެނުމުގެ ތަފާތު ސްޓްރެޓެޖީސްތައް ބޭނުންކުރަންޖެހެއެވެ. ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކުރަންޖެހެއެވެ. އުނގަންނައިދިނުން ބިނާވެފައި އޮންނަންވާނީ ސުޓުޑެންޓް ލާރނިން މެތަޑަށެވެ. ކޯޕަރޭޓިވް ލާރނިންގްއަށް ކްލާސް ހުޅުވާލަންޖެހެއެވެއެވެ. މީގެ ސަބަބުން ދަރިވަރުނަށް ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމަންޓަށް ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން، އަމިއްލައަށް ޙައްލުކުރަން އުނދަގޫ ކަންތައްތައް ކުލާހުގެ އެހެން ބައިވެރިންނާއި މުދައްރިސުގެ އެހީގައި ޙައްލުކުރެވޭނެއެވެ. މީގެ އިތުރުން ކަންކަން އަމިއްލައަށް ހޯދާ ހާމަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދޭންޖެހެއެވެ. އެހެންކަމުން މުދައްރިސުން ފިލާވަޅު ރޭވުމުގައި މި ފަދަ ކަންކަނަށް ވިސްނަންޖެހޭނެއެވެ.
ރިފަރެންސް ލިސްޓް
ކޮންސްޓްރަކްޓިވިޒަމް. (2014). ކޮންސްޓްރަކްޓިވިޒަމް. ނެގީ މެއި 19، 2014،      
ޖޯޖް. ޑަބުލިއު. (2014). ކޮންސްޓްރަކްޓިވިސްޓް ލާރނިންގް ޑިޒައިން. ނެގީ މެއި 19، 2014،
           http://www.prainbow.com/cld/cldp.html ން 

Tuesday, May 20, 2014

މޯޓިވޭޝަން

  
މޯޓިވޭޝަން ތިއަރީތައް
މޯޓިވޭޝަނަކީ ކަމެއްކުރުމަށް ނުވަތަ ކަމެއް ޙާޞިލުކުރުމަށް ހިތުގެ އަޑިން ބޭނުންވާ ބޭނުންވުމެކެވެ. ހަމައެހެންމެ އެއީ ވަކި އަމާޒަކަށް ވާޞިލުވުމަށްޓަކައި ލަނޑުދަނޑި ކަނޑައަޅައިގެން އެ މިސްރާބަށް ދިއުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމުގެ ބާރެއްކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ ޗެރީ (2014) އިތުރަށް ހާމަކުރައްވާގޮތުގައި މޮޓިވޭޝަނަކީ ކަމެއްކުރުމަށް ބޭނުންވާ ސަބަބެވެ. މިސާލަށް ވަރަށް ބަނޑުހައިވެފައިވާ މީހެކެވެ. އޭނާގެ އެ ހައިހޫނުކަން ފިލުވައިލުމަށްޓަކައި ކާނެ އެއްޗެއް ހޯދަން އޭނާ ބޭނުންވާ ބޭނުންވުމަކީ މޯޓިވޭޝަނެވެ.
      މޯޓިވޭޝަން ތިއަރީގެ ޢިލްމުވެރިން މޯޓިވޭޝަނުގެ ދެ ގޮތެއް ބަޔާންކުރެއެވެ. އެއީ އިންޓްރިންސިކް މޯޓިވޭޝަނާއި އެކްސްޓްރިންސިކް މޯޓިވެޝަނެވެ. އިންޓްރިންސިކް މޯޓިވޭޝަނަކީ ތިމާ އަމިއްލައަށް ކަމަކަށް ބޭނުންވެ އެކަމެއް ކުރުމެވެ. ބްރައުން (2007) އާ ޙަވާލާދެއްވައި ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި އިންޓްރިންސިކް މޯޓިވޭޝަނަކީ ތިމާ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ތިމާ ކަމެއް ކުރުމަށް ނުވަތަ ކާމިޔާބުކުރުމަށް މަސައްކަތްކުރުމެވެ. ފަހަރެއްގައިވެސް އެއީ އެހެންމީހެއްގެ ފަރާތުން އެއްޗަކަށް، ކަމަކަށް ބޭނުންވެގެން އުޅުމެއްނޫނެވެ. މިސާލަކަށް ތިމާ ރަނގަޅު ގްރޭޑެއް ލިބުން އެދޭތީ އާއި އޭގެ ސަބަބުން ތިމާއަށް އުފަލާއި ހިތްހަމަޖެހުން ލިބޭނެތީ ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް އުފެދޭ ޝައުޤުވެރިކަމެވެ.
      އެކްސްޓްރިންސިކް މޯޓިވޭޝަނަކީ އެހެންމީހެއްގެ ފަރާތުން އިނާމެއް ހޯދުމަށް ބޭނުންވެގެން ނުވަތަ އިނާމެއް ލިބޭނެތީ ކަމެއްކުރުމަށް އުފެދޭ ޝައުޤުވެރިވުންކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ ޗެރީ (2014) އިތުރަށް ހާމަކުރައްވާގޮތުގައި މީހެއްގެ ފަރާތުން ލިބިދާނެ އަދަބަކުން ސަލާމަތްވުމުގެ ބޭނުމުގައި ކަމެއް ކުރުމަށް ޝައުޤުވެރިވުމަކީ ވެސް އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. މިސާލަކަށް ކިޔަވާ ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދައިފި ނަމަ ސްކޮލަޝިޕެއް ލިބޭތީ މާއްދާތަކުން އޭ ހޯދުމަށްޓަކައި މަސައްކަތްކުރުމަށް އުފެދޭ ޝައުޤުވެރިކަމެވެ. ހަމައެހެންމެ ފިލާވަޅު ނަހަދައިފި ނަމަ ކްލާހުގައި ކޮޅަށް ބަހައްޓާނެތީ ފިލާވަޅުހެދުމަށް ހުންނަ ޝައުޤުވެރިކަމެވެ.
      މޯޓިވޭޝަން ތިއަރީގައި ފާހަގަކޮށްލެވޭ ހަތަރު ތިއަރީއެއް ވެއެވެ. އެއީ ބިހޭވިއަރަލް ތިއަރީ އޮފް މޯޓިވޭޝަނާއި ކޮނިޓިވް ތިއަރީ އޮފް މޯޓިވޭޝަނާއި ސޯޝަލް ކޮގްނިޓިވް ތިއަރީ އޮފް މޯޓިވޭޝަނާއި ހިޔުމަނިސްޓިކް ތިއަރީ އޮފް މޯޓިވޭޝަނެވެ.
1- ބިހޭވިއަރަލް ތިއަރީ އޮފް މޯޓިވޭޝަން
      ބިހޭވިއަރިޒަމް ޤަބޫލުކުރާގޮތުގައި ކަމަކަށް ޝައުޤު އުފެދެނީ ތަރުހީބުދިނުމުންނެވެ. ތަރުހީބުދިނުމުގެ ގޮތުން ދަރިވަރުންނަށް އެކިކަހަލަ އިނާމުތައް ދީގެން ޝައުޤު އުފެއްދޭކަމަށް މި ތިޔަރީގައި ބަޔާންކުރެއެވެ. އެނިކް އެމް (2014) ހާމަކުރައްވާގޮތުގައި މިއީ އެކްސްޓްރިންސިކް މޯޓިވޭޝަނެކެވެ. ބައެއްގެ ފަރާތުން ލިބޭ ރިވަރޑަކަށް ދަރިވަރުން އެމީހުންގެ އުޅުމަށް ބަދަލުގެނައުމެކެވެ. އެނިކް އެމް (2014) އިތުރަށް ހާމަކުރައްވާގޮތުގައި ދަރިވަރުން ޝައުޤުވެރިކުރުމަށްޓަކައި ދެވޭ ރިވަރޑް ވާންވާނީ ދަރިވަރުގެ މަސައްކަތާ އެކަށީގެންވާ އެއްޗަކަށެވެ. ދަރިވަރުން ކުރަން ފަސްޖެހޭ ކަންތައްތަކެއް އެ ކުދިންލައްވާ ކުރުވުމަށް މި ފަދަ ރިވަރޑެއްގެ ބޭނުންކުރެވިދާނެއެވެ.
2- ކޮގްނިޓިވް ތިއަރީ އޮފް މޯޓިވޭޝަން
      ކޮގްނިޓިވް ތިއަރީ ބުނާގޮތުގައި އިންސާނާގެ ޝައުގުވެރިކަން ގުޅިފައިވަނީ އެ މީހުން ކަންކަމާމެދު ޤަބޫލުކުރާ ގޮތްތަކާއި ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކާއި އެ ބައި މީހުންގެ ވިސްނުމާއެވެ. އެނިކް އެމް (2014) ހާމަކުރައްވާގޮތުގައި މިއީ އިންޓްރިންސިކް މޯޓިވޭޝަނެކެވެ. މީހެއްގެ ފަރާތުން ލިބިދާނެ ހަދިޔާއަކަށް ބެލުމެއްނެތި މަސައްކަތްކުރެއެވެ. މިތިއަރީގައި ބުނާގޮތުން ކުއްޖާ އޭނާގެ ވިސްނުމުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އުނިވާބައި ފާހަގަކޮށް އެ ފުރާލަން މަސައްކަތްކުރެއެވެ.
3- ސޯޝަލް ކޮގްނިޓިވް ތިއަރީ އޮފް މޯޓިވޭޝަން
      ސޯޝަލް ކޮގްނިޓިވް ތިއަރީ ޤަބޫލުކުރާގޮތުގައި ދަރިވަރުން ، މުޖުތަމަޢުގެ އެހެން ފަރުދުން ކުރާ ކަންތައްތަކަށް ބަލައިގެން އެ ކަންތައްތައް ނަކަލުކުރުމަށް ޝައުޤުވެރިވެއެވެ. ހަމައެހެންމެ މީހަކު ކުރި ކަމަކުން އެ މީހާއަށް ދިމާވި ދަތިތަކަކުން އަނެކާ ޢިބްރަތް ޙާޞިލުކޮށް ދަސްކުރެއެވެ. ހަމައެހެންމެ މީހަކު ކުރި ކަމަކުން އެމީހަކަށް މޮޅެއް ލިބުމުން އެކަން އެ ގޮތަށް ތަކުރާރުކުރަން އަނެއްމީހާ ޝައުވެރިވެއެވެ.
4- ހިޔުމަނިސްޓިކް ތިއަރީއޮފް މޯޓިވޭޝަން
      ހިޔުމަނިސްޓިކް ތިއަރީގައި ޝައުޤުވެރިކަން ގުޅިފައިވަނީ އިންސާނުންގެ ބޭނުންތަކާއެވެ. އެއް ކަމެއް ޙާޞިލުވުމަށްފަހު އަނެއްކަމެއް ހާޞިލިކުރުމަށް ޝައުޤު އުފެދެއެވެ. މި ތިއަރީ އުނގެނުމާ ގުޅިގެންދާ އިރު އެންމެ ދަތިވާ ކަމެއްކަމަށް އެނިކް އެމް (2014) ހާމަކޮށްވައިވަނީ ދަރިވަރުންގެ ބޭނުންތައް މުދައްރިސަށް ނޭނގުމެވެ. އަދި އެނގުނު ކަމުގައި ވިއަސް އެ ހުރިހާ ބޭނުންތަކެއް ފުރިހަމަނުކޮށްދެވުމެވެ. އެހެން ނަމަވެސް ދަރިވަރުން އުނގެނޭ މާޙައުލަކީ އެ ކުދިންނަށް ރައްކާތެރި ތަނަކަށް ހަދާ އެ ކުދިންގެ ނަފުސުގެ އިތުބާރު ހަރުދަނާކުރަން މުދައްރިސް ކުރާ މަސައްކަތުން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކޮށްދެވެއެވެ.
 
ރިފަރެންސް ލިސްޓް
ކެންޑްރާ ޗެރީ (2014). ތިއަރީސް އޮފް މޯޓިވޭޝަން. ނެގީ އެޕްރީލް 19، 2014
http://psychology.about.com/theories-of-motivation.htm ން
ކެންޑްރާ ޗެރީ (2014). އިންޓްރިންސިކް މޯޓިވޭޝަން. ނެގީ އެޕްރީލް 19، 2014،
އެނިކް އެމް (2014). އެންހޭންސިން ސުޓުޑެންޓްސް މޯޓިވޭޝަން. ނެގީ އެޕްރީލް 19، 2014،


Saturday, May 10, 2014

އަމިއްލަ ފަލްސަފާ

 
ކިޔަވައިދިނުމުގައި ބޭނުންކުރާނެ އަމިއްލަ ފަލްސަފާ
ތަޢާރަފް:
އުނގަންނައިދިނުމުގެ ފުރިހަމަ ހިތްހަމަޖެހުން ލިބިގަނެވޭނީ އެންމެ ފުރިހަމަގޮތެއްގައި ދަރިވަރުންނަށް އެ އެއްޗެއް ފޯރުކޮށްދެވުމުންނެވެ. މި ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ދަރިވަރުންނަށް ފަސޭހައިން ރަނގަޅަށް އުނގަންނައިދެވޭނެ ގޮތްތަކާއި، ފަސޭހަކާމާއެކީ ދަރިވަރުން އުނގެނިގަންނަ ގޮތް ހޯދާ ދިރާސާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދެއެވެ. މި ދިރާސާތަކުގެ ނަތިޖާއެއްގެ ގޮތުން "ލަރނިން ތިއަރީސް" ގެ ނަމުގައި ގިނަގުނަ ތިއަރީތަކެއް ވުޖޫދުވެގެން އައެވެ. އޭގެ ތެރެއިން އެންމެ ނަންހިގާ ތިއަރީތަކުގެ ގޮތުގައި "ބިހޭވިއަރަލް"، "ކޮގްނެޓިވް"، "ސޯޝަލް" އަދި "ކޮންސްޓްރަކްޓިވިޒަމް" ލަރނިން ތިއަރީ ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ތިއަރީއަކީވެސް އެ ތިއަރިތަކުގައި ވަރަށް ގިނަ ރަނގަޅުކަންތައްތަކާއި، ބަލައިގަންނަށް ދަތިވާ ބައެއް ކަންތައްތައްވެސް ހުރި ތިއަރީތަކެކެވެ. އެހެންނަމަވެސް މިއީ މީގެ ބޭނުން ނުކޮށް ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ތިއަރިތަކުން ފާހަގަކުރެވޭ މޮޅު ގޮތްތަކަށް އަމިއްލަ ވިސްނުމުން އިތުރު ރަނގަޅު ކަންތައްތަކެއް އިތުރުކޮށް އަމިއްލަ ފަލްސަފާއެއް ގާއިމުކުރެވިދާނެއެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާނީ އުނގެނުމުގެ ތިއަރިތަކުން ފާހަގަކުރެވުނު ރަނގަޅުކަންތައްތަކާއި އުނި ކަންތައްތަކަށް ވިސްނުމަށްފަހު އުނގަންނައިދިނުމުގައި ބޭނުންކުރާނެ އަމިއްލަ ފަލްސަފާއެކެވެ.
ފަލްސަފާގައި ހިމަނާ ބައިތަކާއި ވިސްނާފައިވާގޮތް
1- ކޮންސްޓްރަކްޓިވިޒަމް ލަރނިން ތިއަރީގެތެރެއިން:- ސިކުނޑީގައި ހުރި އެއްޗަކަށް އެއްޗެއް އިތުތުކުރުން
އުނގަންނައިދިނުމުގައި ވިސްނުންބަހައްޓަންޖެހޭ އެއްކަމަކީ އުނގެނޭ ފަރާތަކީ ހުސް ސިކުނޑިއެއްގެ ވެރިއެއް ނޫންކަމެވެ. އޭގެ ބަދަލުގައި ދެ ފަރާތުންވެސް މަޢުލޫމާތު ބަދަލުކުރެވި އެ ސިކުނޑީގައި ހުރި އެއްޗަކާމެދު ވިސްނާ އެއަށް މަޢުލޫމާތެއް އިތުރުކޮށްދިނުމުގެ ވިސްނުންގެންގުޅުމަކީ މި ފަލްސަފާގެ ޤަބޫލުކުރުމެކެވެ. އުނގެނޭ ފަރާތް ނުވަތަ ދަރިވަރުގެ މަސައްކަތަކަށް ވާންވާނީ ހުރި މަޢުލޫމާތަށް އާ މަޢުލޫމާތު އެއްކޮށް އެއަށް ބިނާކޮށް، އާ ކަންތައްތަކެއް އުފެއްދުމެވެ. މި ގޮތަށް ދަރިވަރުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކަށް ދަރިވަރުންނަށް މަގުދެއްކުމަކީވެސް މި ފަލްސަފާގެ ޤަބޫލުކުރުމެކެވެ. ޑޭން ޑިޕަރނަރ (2010) ހާމަކުރައްވާގޮތުގައި ލިބިފައިހުރި މަޢުލޫމާތަކަށް އާ މަޢުލޫމާތެއް އެއްކޮށްގެން ދަރިވަރު އުނގެނޭ އުގެނުމަކީ ލެވް ވައިގޮޓްސްކީ އާއި ޖީން ޕިއަޖޭގެ ހިއްސާ އެކުލެވޭ ކޮންސްޓްރަކްޓިވިޒަމް ލަރނިން ތިއަރީގައި ބަޔާންކުރާގޮތެވެ. މިއީ ދަރިވަރުންނަށް، ފަސޭހައިން އުނގަންނައިދެވިދާނެ ގޮތަކަށް ވެފައި ޤައުމީ މަންހަޖުގައި ވާ ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ހުޅުވާލެވޭ ފުރުޞަތަކަށް ވާނެއެވެ. ހަމައެހެންމެ ދަރިވަރުންގެ ކިބަގައި މަޢުލޫމާތު ހުރިކަމަށް މުދައްރިސް ޤަބޫލުކުރުމަކީ ދަރިވަރުންނަށް ހިތްވަރުލިބި، ފިލާވަޅުގައި ބައިވެރިވެ އުނގެނެން ފުރުޞަތު ލިއްބައިދޭ ކަމަކަށް ވާތީ މި ފަލްސަފާގެ ބޭނުންކުރެވިދާނެ ކަމަށް ޤަބޫލުކުރެވެއެވެ.   
2- ބިހޭވިއަރަލް ލާރނިންގެ ތިއަރީގެ ތެރެއިން:- ރީއިންފޯސްމަންޓް
އަމިއްލަ ފަލްސަފާގައި ހިމަނާނެ އަނެއްބަޔަކީ ރީއިންފޯސްމަންޓެވެ. މިއީ އުނގެނުން ފަހި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ. ސަބަބަކަށްވަނީ، ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ އެއަށް ތަރުހީބު ލިބުމުގެ އެދުމަކީ އިންސާނާގެ ޠަބީއަތުގައި ލައްވާފައިވާކަމެކެވެ. އިންސާނުންގެ ޚާއްޞަކޮށް މުސްލިމުންގެ ޤަބޫލުކުރުންތައްވެސް މިއާ ގުޅިފައިވާ ކަމެކެވެ. މި ދުނިޔޭގައި ރަނގަޅުގޮތުގައި އުޅޭ މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ވާ ކަމަށް އެންމެހާ މުސްލިމުން ޤަބޫލުކުރެއެވެ. އެހެންކަމުން އެ ނިޢުމަތް ހޯދުމަށްޓަކައި މި ދުނިޔޭގައި މަސައްކަތްކުރެއެވެ. ހަމައެހެންމެ ގޯސްކޮށް އުޅޭ މީހުންނަށް ނަރަކަވާކަން ޤަބޫލުކޮށް އެތަނުން ސަލާމަތްވުމަށް މިދުނިޔޭގައި މަސައްކަތްކުރެއެވެ. އެހެންކަމުން އުނގަންނައިދޭން ބޭނުންވާ ކަމެއް، ޚާއްޞަކޮށް ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ހުނަރުތަކާއި ސިފަތައް، ދަރިވަރުންނަށް ދެވޭ ޕޮޒިޓިވް ރީއިންފޯސްމަންޓާއި ނެގެޓިވް ރީއިންފޯސްމަންޓުން ފަސޭހައި ހަރުލެއްވޭކަމަށް ޤަބޫލުކުރެވެއެވެ. ބީ. އެފް ސްކިނަރގެ ބިހޭވިއަރަލް ތިއަރީގައި ބަޔާންކުރާގޮތްކަމަށް ބިހޭވިއަރިސްޓް (2013) ހާމަކުރައްވަނީ، މި ތިއަރީން އިންސާނާގެ އުޅުމަށް ހެޔޮ ބަދަލު ގެނެވެއެވެ. އަދި މި ބަދަލުގެނައުމުގެ ރޯލެއް އަދާކުރަނީ ރީއިންފޯސްމަންޓެވެ.
      ރީއިންފޯސްމަންޓުން ދަރިވަރުންނަށް ދާއިމީ އަސަރެއްކުރާނީ ތަފާތުގޮތްތައް ގެންގުޅުމުންނެވެ. މިސާލަކަށް މުދައްރިސް ބުނާގޮތަކަށް ގަޑިއަށް މުޅި ކަލާސްއެކީ ދެ ހަފްތާ ވަންދެން، މަސައްކަތްތައް ނިންމައިފިނަމަ ކޮންމެ ދަރިވަރަކަށް ސްޓަރ އެއް ދޭނެކަމަށް ބުނުމަކީ މާ ކާމިޔާބު ތަރުޙީބަކަށް ނުވެދާނެއެވެ. ސަބަބަކީ އެއީ ކޮންމެ ދުވަހަކުވެސް ބައެއް ދަރިވަރުންނަށް ލިބޭ އެއްޗަކަށްވެސް ވެދާނެއެވެ. އެހެންކަމުން މި ފަދަކަމެއްގައި މުޅި ކްލާސް އެކީ ދަތުރަކު ގެންދިއުން ފަދަ ކަމެއް ބުނެވިދާނެއެވެ. މި ފަދަކަމަކަށް ބުނާއިރު މިކަމަކީ ކައިރި މުސްތަގުބަލެއްގައި ވާނެ ކަމަކަށް ވުމީ ވަރަށް މުހިންމުކަމެކެވެ. ދަރިވަރުން އަބަދުވެސް ބޭނުންވާނީ ކުރުމުއްދަތެއްގައި އަވަހަށް ނަތީޖާ ފެންނަ ކަންކަންކަމަށް ބިހޭވިއަރިސްޓް (2013) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ބުނާކަމަކަށް ވަގުތު ކަނޑައެޅުމަކީ މުހިންމުކަމެކެވެ. މިގޮތުން އަމިއްލަ ފަލްސަފާގައި ހިމަނާފައިވާ ރީއިންފޯސްމަންޓްގެ ބައި ގެންދާނީ ދަރިވަރުން އުނގެނުމަށް ފަހިވާގޮތަށް ވިސްނައިގެންނެވެ.
    
3- ކޮގްނިޓިވް ލާރނިންގެ ތިއަރީގެ ތެރެއިން:- ގިނަ ހިއްސު ބޭނުންކޮށްގެން އުނގެނުން
ގިނަ ހިއްސުތައް ބޭނުންކޮށްގެން ދަސްކުރުމަކީ ފަސޭހައިން ދަސްވެފައި ހަނދާނުގައި އެ ހަރުލާނެކަމެއްކަމަށް އެރޯން (2006) ހާމަކުރައްވައެވެ. އިތުރަށް ހާމަކުރައްވާގޮތުގައި އެއްޗެއް ހުންނަގޮތް ހަމައެކަނި ދަރިވަރުންނަށް ކިޔައިދީގެން ދަސްކޮށްދިނުމަށްވުރެ އެ އެއްޗެއް ދައިކައިގެން އެ ކިޔައިދިނުމުން ދަރިވަރުންނަށް ދަސްވުން އަވަސްވެފައި ހަނދާނުގައި ހަރުލައްވަން ފަސޭހަވާނެއެވެ.  ހަމަ އެކަނި ދަރިވަރުން އަޑު އަހަން ބޭތިއްބުމުގެ ބަދަލުގައި ފެނުމާއި އަތްލުމާއެކު އަމިއްލައަށް ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުޞަތު އަމިއްލަ ފަލްސަފާގެ މި ބައިގެ ދަށުން ގެންދެވޭނެއެވެ. އެއީ ފަސޭހައިން ދަރިވަރުންގެ ސިނކުޑީގައި ކަންކަން ހަރުލެއްވުމަށްޓަކައެވެ. ޖީން އެލިސް އޯމްރޮޑް (1995) ހާމަކުރައްވާގޮތުގައި ކޮގްނެޓިވް ތިއަރީ ބިނާވެފައިވަނީ މީހުންގެ ވިސްނުމަށެވެ. މި ވިސްނުން ތަރައްގީކުރުމަށްޓަކައި މިހާ އެކީގައި ބައިވެރިވުމަކީ މުހިންމުކަމެކެވެ. ދަރިވަރުންގެ ވިސްނުން ރަނގަޅުކޮށް ރަނގަޅަށް ދަސްވުމަށް މަގުފަހިކޮށްދޭ ވަރަށް ގިނަ ކަންތައްތަކެއް ވާކަމަށް ލަރނިންގް ތިއަރީސް (2013) ބަޔާންކުރެއެވެ. އޭގެ ތެރޭގައި ސުވާލަށް ޖަވާބުދިނުމާއި މައިންޑް މެޕް ތައްޔާރުކުރުމާއި ފީލްޑް ޓްރިޕް ދިއުން ފަދަ ކަންކަން ހިމެނެއެވެ. މިއިން ކޮންމެ ކަމަކީވެސް ދަރިވަރުގެ އެއް ހިއްސަށްވުރެ ގިނަ ހިއްސު އެ ކަމެއްގައި ޝާމިލުކުރާނެ ކަންކަމެވެ. އެހެންކަމުން ދަރިވަރުންގެ  ވިސްނުން ވީހާވެސް ބޮޑަށް ތަރައްޤީކޮށް އުނގެނުމަށް ފަހިކުރުމަށްޓަކައި  ގިނަ ހިއްސު ބޭނުންކުރުން އަމިއްލަފަލްސަފާގައި ހިމަނާފައިވާނެއެވެ.
ނިންމުން
އުނގެނުމުގެ ތިއަރީތަކަކީ ގިނަ އެއްޗެކެވެ. އަދިވެސް އިތުރުވަމުންދާ އެއްޗެކެވެ. ގިނަގުނަ ތިޔަރީތަކެއް ހުރިކަމުގައި ވިއަސް އެތިޔަރީތަކުން ތިމާގެ ކިޔަވައިނުމަށް އެންމެ މުހިންމީ ކޮންކަންތައްތަކެއްތޯ ބަލައި އެ ކަންތައް ކްލާސް ތެރޭގައި ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. އެގޮތުން އެފަދަ ކަމަކަށް ލޯ ހުޅުވުނު މަސައްކަތެއް ކަމުގައި މި މަސައްކަތް ވެއްޖެއެވެ. ތަފާތު ނަޒަރިއްޔާތަކަށް ވިސްނުންހިންގައި އޭގެ ހުރި ފުރިހަމަކަމާއި އުނިކަންތައްތަކުގެ ތެރެއަށް މި މަސައްކަތުން ވަދެވުނެވެ. އަމިއްލަ ފަލްސަފާއަކާމެދު ވިސްނިއްޖެއެވެ. 

ނަޒަރިއްޔާ 3

 
ސޯޝަލް ކޮގްނިޓިވް  ލާރނިން ތިއަރީ
      ސޯޝަލް ކޮގްނެޓިވް ލާރނިންގ ތިއަރީ އަކީ މާޙައުލުން ފެންނަ ކަންތަކާއި، އިޖުތިމާޢީ ގުޅުންތަކާއި ކުރެވޭ ތަޖުރިބާގެ އަލީގައި ދަސްވާ ދަސްވުން ކަމަށް މި ތިއަރީގެ ޢިލްމުވެރިން ހާމަކުރައްވައެވެ. ހަމައެހެންމެ ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ ގައި އުނގެނުމަކީ ސިކުނޑީގެ އެތެރޭގައި ހިނގާ ކަމެއްކަމާއި އޭގެ ނަތީޖާ ނުވަތަ އުޅުމަށް އަންނަ ބަދަލު ވަގުތުން ފެނުމާއި ނުފެނުންވެސް އެކަށީގެންވާކަމަށް ބަންޑޫރާ (1986) އާ ޙަވާލާދެއްވައި ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ (2014) ގައި ބަޔާންކުރެއެވެ.  
 ބަންޑޫރާ (1986) އާ ޙަވާލާދެއްވައި ހެއިޑީ ޑެންލަރ (2014) ހާމަކުރައްވާގޮތުގައި މި ތިއަރީގެ މައިގަނޑު ވިސްނުމުގައި ބުނާގޮތުން އުނގެނުން ކުރިއަށްދަނީ އަމިއްލަ ނަފުސާއި، އުޅޭ މާޙައުލާއި އުޅުމާ ގުޅިލާމެހި އެއްކަމެއް އަނެއްކަމަކަށް ބާރުފޯރުވާ، އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ބަރޯސާވެގެންނެވެ. އަމިއްލަ ނަފުސާއި މާޙައުލާ އޮންނަ ގުޅުމުގެ ސަބަބުން ނަފުސުގެ ޤަބޫލުކުރުންތަކާއި ވިސްނުމާއި ހުނަރު ތަރައްޤީވުމަށް މާޙައުލު ބާރުފޯރުވައެވެ. މާޙައުލާއި އުޅުމާ ދެމެދުގައިވާ ގުޅުމުން، މާޙައުލުން ޢުޅުމަށް އަންނަ ބަދަލުން ވަކިގޮތަކަށް އުޅުން ބައްޓަންވެގެންދެއެވެ. ހަމައެހެންމެ އަމިއްލަ ނަފުސާއި އުޅުމާ ދެމެދު ވާ ގުޅުމުން ވިސްނުމާއި ޙަރަކާތުން އުޅުމަށް ބަދަލުގެނުވައެވެ.
ސޯޝަލް ކޮގްނިޓިވް ލާރނިންގް ތިއަރީ ހާމަކުރާގޮތުގައި އަނެކާއަށް ބަލައިގެން އިންސާނާ ދަސްކުރެއެވެ. އިންސާނާގެ އުޅުމަށް ބަދަލުގެނެއެވެ. އާ މަޢުލޫމާތުތަކެއް ހޯދައިގަނެއެވެ. ވަށައިގެންވާ މާޙައުލުން ކުދިންނަށް ފެންނަ ޚާއްޞަ ފަރާތްތައް ނަކަލުކޮށްގެން ކުދިން އުނގެނޭކަން ނުވަތަ ކުދިންގެ އުޅުމަށް ބަދަލުގެންނަކަށް މި ތިއަރީގެ ހޯދުންތަކުން ސާބިތުކޮށްދީފައިވާކަމަށް މެލިއްސާ ހާރސްޓް (2014) ހާމަކުރައްވައެވެ. އިތުރަށް ހާމަކުރައްވާގޮތުގައި މި ނަކަލުކުރުމުގައި ނުވަތަ މިގޮތަށް މޮޑަލްކުރުމުގައި ތަފާތު ތިން ގޮތެއް ގެންގުޅެއެވެ.
1- ޑައިރެކްޓް މޮޑަލިން
ޑައިރެކްޓް މޮޑެލިންގައި ކުއްޖާއުޅޭ މާޙައުލުން ކުއްޖާއަށް، ފެންނަ ކަންތައްތަކާއި މީހުންނާއި ގޮތްތައް އެ ފެނުނުގޮތަކަށް ނަކަލުކުރެއެވެ. މިސާލަކަށް އަޙުމަދުގެ އެކުވެރިންނަކީ ވަކިގޮތަކަށް ހެދުންއަޅާ، ވަކިގޮތަކަށް ބޮލުގައި ފުނާ އަޅައިގެން އުޅޭ ކުދިންކަމުގައި ވާނަމަ، އެ އެކުވެރިންގެ ގުރޫޕަށް ނިސްބަތްވުމަށްޓަކައި އަޙުމަދުވެސް އެކަހަލަ ހެދުން އަޅައި އެ ގޮތަށް ބޮލުގައި ފުނާއަޅައިގެން އެ މީހުންގޮތަށް އުޅުން ބަދަލުކޮށްލުމެވެ. ހަމައެހެންމެ ސައިންސް ކްލާސްރޫމެއްގައި މުދައްރިސް ކްލާކަށް މޮޑެލްކޮށް ދައްކާ އެކްސްޕެރިމެންޓް ދަރިވަރުން ހަމަ އެގޮތަށް އެ އެކްސްޕެރިމަންޓް ނަކަލުކޮށްގެން ދަސްކުރުމެވެ. މިއީ މާޙައުލުން ފެންނަ ކަންކަމަށް ވާތީ އަނެކާއަށް ބަލައިގެން އުޅުމަށް ބަދަލުއަންނަކަން ނުވަތަ އުނގެނޭކަން ޤަބޫލުކުރެވެއެވެ.
2- ސިންބޮލިކް މޮޑެލިން
ސިންބޮލިކް މޮޑެލިނަކީ ޓީވީންނާއި ވާހަކަތަކުންނާއި ފޮތްފޮތުން ފެންނަ ޝަޚުޞިއްޔަތުގެ ސިފަތައް ނަކަލުކުރުމެވެ. މިސާލަކަށް ޓީވީ ސްޓާރަކު ވާހަކަދަކާގޮތް ކުއްޖާއަށް މާ ގަޔާވާގޮތަކަށްވެ އެގޮތަށް ވާހަދެއްކުމެވެ. ހަމައެހެންމެ ކުއްޖަކު ކިޔާ ވާހަކައެއްގެ މައިގަނޑު ޝަޚުޞިއްޔަތަކީ އެކިވައްތަރުގެ މާތަކަށް ވަރަށް ލޯބިކޮށް މާތައް އެއްކޮށްގެން އުޅޭ މީހެކެވެ. ކުއްޖާ ވާހަކަކިޔުމަށްފަހު މާ ގެންގުޅުމަށް ލޯބިކޮށް މާ އެއްކުރަން ފެށުމެވެ.
3- ސިންތަސައިޒް މޮޑެލިން
ސިންތެސައިޒް މޮޑެލިންގައި އެކި ފަރާތްތަކުން ފެންނަ ސިފަތައް ކުއްޖާ ބޭނުންވާ ބަދަލުތަކާއެކީ ކޮޕީކުރެއެވެ. މިސާލަކަށް ކްލާހުގައި މުދައްރިސް ފިލާވަޅަކުން ނޯޓުނަގާނެ ގޮތް ކިޔާދިނީ މައިންޑް މެޕެއްގެ އެހީގައެވެ. އެހެންނަމަވެސް ދަރިވަރު ބޭނުންވީ މަލެއްގެސިފަގައި ކުރަހައިގެން އެއަށް ނޯޓުނަގާށެވެ. އެހެންކަމުން ދަރިވަރު މުދައްރިސް ދެއްކި މައިންޑް މެޕް ދަރިވަރު ބޭނުންވާ ބަދަލާއެކީ ކޮޕީކުރެއެވެ.
 
 
ރިފަރެންސް ލިސްޓް
ހެއިޑީ ޑެންލަރ. (2014). ސޯޝަލް ކޮގްނިޓިވް ތިއަރީ. ނެގީ އެޕްރީލް 5، 2014  http://www.education.com ން
މެލިއްސާ ހާރސްޓް (2014). ސޯޝަލް ކޮގްނިޓިވް ލާނިން ތިއަރީ ޑެފިނިޝަން. ނެގީ އެޕްރީލް 5، 2014 
ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ. (2014). ސޯޝަލް ކޮގްނިޓިވް ލާރނިން ތިއަރީ. ނެގީ އެޕްރީލް 5، 2014 nfo.psu.edu.sa ން